ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނުގެ ޝަރަފުގައި ރޭ ބޭއްވެވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުމުގެ ޙުދޫދަކީ ހަމައެކަނި ޚާރިޖީ ގުޅުންތައް ނޫން ކަމަށާއި، ރާއްޖެ އާއި އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ޤަރުނެއް ކުރީއްސުރެ ޤާއިމުވެ ބަދަހިވަމުންގޮސްފައިވާ އެކުވެރިކަމުގެ ތެރެއިން ކަމަށެވެ.
އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއް ކަމަށް ވިދާޅުވެ، ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި ދެ ޤައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާގެ 60 އަހަރުވީ ޚާރިޖީ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ދެ ޤައުމުން ހިއްސާކުރާ ތާރީޚާއި ދެ ޤައުމުގެ ސާބިތު ބައިވެރިވުންތަކަށް އިޝާރާތްކުރައްވާފަ އެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ ޢަޒުމަކީ، ޝާމިލު އަދި ދިރުންހުރި އިޤްތިޞާދެއް ބިނާކޮށް، ޒުވާނުން ބާރުވެރިކޮށް، ސަރަޙައްދީ ގޮތުން އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެއްވުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި މި ޢަމާޒަށް ވާޞިލުވުމުގައި އިންޑިއާގެ އެހީތެރިކަމުގެ ބޭނުން ބޮޑުވާނޭކަން ވެސް ފާހަގަކުރެއްވި އެވެ.
ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ދެ ޤައުމުގެ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ދެ ޤައުމުގެ ޘަޤާފީ ގުޅުންތަކުން އެތައް ޖީލެއް މުއްސަނދިކޮށްދީފައިވާކަމަށް ވިދާޅުވެ، ފަރުދީ ފެންވަރެއްގައި ދެ ޤައުމުގެ ގުޅުން ބަދަހިކޮށްދެނީ ހިއްސާކުރާ ތަރިކަތަކުންކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.