Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

އާ ޓާމިނަލަށް ޒަމާނީ ބޮޑު ބަދަލެއް ގެންނެވީ ސޯލިހު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ޒަމާނީ ބޮޑު ބަދަލެއް ގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް، އެ ވެރިކަމުގެ ނައިބު ރައީސަކަށް ހުންނެވި ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހުޅުވުމަށް ވަނީ ތައްޔާރުވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އާ ޓާމިނަލާއެކު ރާއްޖެ އިގްތިސާދީ ގޮތުން ދެކޭނީ އުފާވެރި ދުވަސްތަކެއް ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ. އެގޮތުން އެދުމަކީ އާ ޓާމިނަލްއާއެކު ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމާއި ދިރުން ލިބިގެންދިޔުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ މި އާ ޓާމިނަލްއަކީ މި ސަރަހައްދުގެ ލީޑިން އެއް އެއާޕޯޓަށް ވުމަކީ އުއްމީދެއް ކަމަށެވެ. އަދި އާ ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި މިހާރުވެސް ދަތުރުތައް ކުރާ އެއާލައިންތަކުގެ ދަތުރުތައް އިތުރުވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"މި މުހިންމު ގައުމީ މަސައްކަތުގެ ބޮޑު ބައެއް ނިމިގެން ދިޔައީ އަދި މި ޕްރޮޖެކްޓަށް ޒަމާނީ ބޮޑު ބަދަލު ގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކަމަށްވުމުން އެ މަނިކުފާނަށް މަރުހަބާއާއި ޝުކުރު ދަންނަވަން. އަދި މި މަސައްކަތް ކޮށްދެއްވާފައިވާ ހުރިހާ ރައީސުންނާއި ސަރުކާރުތަކުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވަން. އޭގެ ތެރޭގައި ޓާމިނަލް ހުޅުވުމުގެ ޝަރަފް ލިބޭ އަދުގެ ސަރުކާރަށް ވެސް މަރުހަބާ ދަންނަވަން،" ފައިސަލް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޓާމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.