Last Updated: August 2, 11:45
Saturday, August 2, 2025
ޚަބަރު

ހުޅުލޭގެ އުތުރު ނެރު ވަގުތީ ގޮތުން ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ހުޅުލޭގެ އުތުރު ނެރު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މިއަދު ހެނދުނު 5:30 އިން ފެށިގެން މިރޭ 7:00 އަށް، ހުޅުލޭގެ ފަޅަށް ވަދެ ނުކުތުމަށް ބޭނުންކުރާ އުތުރު ނެރު ބަންދުކުރެވޭނެ ކަމަށެވެ.

އެ ވަގުތުތަކުގައި ހުޅުލެއަށް ވަނުމަށް ދެކުނު ނެރު އަދި ފަޅުން ނުކުތުމަށް މެދުގައިވާ ނެރު ބޭނުން ކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލް ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހުޅުވުމަށް ވަނީ ތައްޔާރުވެފަ އެވެ. އާ ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެ ބަނދަރު ކައިރިން ތިން ސަރަހައްދެއްގައި، މިރޭ 20:30 ހާއިރު، ހަ މިނެޓް ވަންދެން ހަވާއަރުވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.