Last Updated: August 2, 11:51
Saturday, August 2, 2025
ދުނިޔެ

ގާޒާގެ ތިން ބައިކުޅަ އެއްބައި ބަނޑަށް ޖެހިފައި

އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ގާޒާގެ ތިންބައި ކުޅަ އެެއްބައި މީހުންނަކީ މިހާރު ކާނެ އެއްޗެއް އެއްޗެސް ނުލިބޭ މީހުން ކަމަށް އދ. އިން ބުނެފި އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ޑަބްލިއުއެފްޕީ) އިން ބުނީ މިހާރު ގާޒާގައި ތިބި މީހުންގެ ތެރެއިން ކޮންމެ އެކަކީ ކާނެ އެއްވެސް އެއްޗެއް ވެސް ނުލިބޭ މީހުން ކަމަށެވެ. މީގެ ސަބަބުން ބަނޑަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުދިންނާއި އަންހެނުން ކަމަށް އދ. އިން ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ ގާޒާގައި ބަނޑަށް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 90،000 އަށް އަރާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ އަވަސް ފަރުވާ ބޭނުންވާ މީހުން ކަމަށެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން ޔަހޫދީން ގާޒާގައި ލާއިންސާނީ ޖަރީމާތައް ހިންގަން ފެށި ފަހުން ބަނޑަށް މަރުވި މީހުންގެ އަދަދު 122 އަށް އަރާ ކަމަށެވެ.

އިޒްރޭލުން ދަނީ ގާޒާ އަށް ކާނާ އާއި ފެނާއި ބޭސް ފަދަ އަސާސީ ތަކެތި އެތެރެކުރުމަށް ހުރަސް އަޅައި، އެހީގެ ތަކެތި ފޯރުކޮށް ދޭން މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ހަމަލާ ދެމުންނެވެ. އަދި މިފަދަ ބޮޑު ދަތިކަމެއްގެ ތެރެއަށް ގާޒާގެ މުސްލިމުން ރައްޔިތުން ވައްޓާލުމަށް ފަހު، މެދުކެނޑުމެއް ނެތި ދެމުން އަންނަ ހަމަލާތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ޝަހީދުކޮށްލަމުންނެވެ.

ގާޒާގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ އިރު، އިޒްރޭލުން ދަނީ އެެއްވެސް ރަހުމެއް ނެތި، ކާއެތިކޮޅެއް ލިބޭތޯ އެހީ ފޯރުކޮށްދޭ ތަންތަނަށް ނާށިގަނޑު ހިފައިގެން ޖަމާވާ މީހުންނާއި ކުދިންނަށް ވެސް ހަމަލާދީ ފުރާނަ ދުއްވައިލަމުންނެވެ.