ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ޤައުމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ކޮށްދެވޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން މިއަދު ސިފައިންްނާއި ފުލުހުންނާ ބައްދަލު ކުރައްވަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާޢުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު ނަގަމުން އަންނަ ބަޔަކީ ސިފައިންނާއި ފުލުހުންކަމަށެވެ. އަދި ރާއްޖެއަކީ މިނިވަންކަމުގައި ފަޚުރުވެރި، ދިގު މާޒީއެއް އޮތް ޤައުމެއް ކަމަށާއި އެ މިނިވަންކަން ދިފާޢު ކުރުމުގައި ޤައުމީ ސަލާމަތީ ބާރުތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށް ވާން ޖެހޭނީ ސިފައިންނަށާއި ފުލުހުންނަށް އެ ދެ މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ މުއައްސަސާއަށް ޚިދުމަތްކުރާ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން،" ރައީސް ވިދާޅުވި އެވެ. "މި ސަރުކާރުގެ ސިޔާސަތަކީ އެއީ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މަސައްކަތް ކުރަމުންދަނީ އެ ގޮތުގައި. އެއީ އަޅުގަނޑަށް ލިބޭ ފަޚުރެއްގެ ގޮތުގައި އަޅުގަނޑު ދެކެން. އަދި އަޅުގަނޑުގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެން."
އެ މަނިކުފާނު ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯދައި ދިނުމަކީ މި ސަރުކާރުން އަބަދު ވެސް ވަރަށް ބޮޑު އިސް ކަމެއް ދޭނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ސަފަށް ނުކުންނަނީ ސިފައިންނާއި ފުލުހުންކަން އެއީ ހަގީގަތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކީ ވެސް ސިފައިންނާއި ފުލުހުން ގައުމަށްޓަކައިވާ މަތިވެރި ޤުރުބާނީއެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވެ ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްޓަކައި އަދި ޤައުމަށްޓަކައި ކޮށްދެވޭ ކަމެއް." ރައީސް ވިދާޅުވި އެވެ.