Last Updated: August 2, 11:51
Saturday, August 2, 2025
މުނިފޫހިފިލުވުން

ރަންވީރާއި ބޮބީގެ ފިލްމުގެ ބަތަލާ އަކީ ސްރީލީލާ

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ބޮބީ ޑިިއޯލް މިހާރު އެކީގައި މަސައްކަތް ކުރަމުން އަންނަ ފިލްމުގެ ބަތަލާ އަކީ ސްރީލީލާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމުގެ ނަން އިއުލާންކޮށް މީގެ ފަސްޓްލުކް ވެސް މި ހަފުތާގެ ތެރޭގައި އާންމު ކުރަން ފިލްމުގެ ޓީމުން ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް މިއީ ކޮން ޕްރޮޑަކްޝަން ހައުސްއަކަށް، ކާކު ޑައިރެކްޓްކުރާ ފިލްމެއް ކަމެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ.

އެކަމަކު ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާ މި ފިލްމުގެ ޝޫޓިން، މުމްބާއީގެ މެހެބޫބް ސްޓޫޑިއޯގައި ކުރިއަށްދާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެގޮތުން ފިލްމުގައި ސެޓްގައި ބޮބީ އޭނަގެ ލުކްގައި އުޅެނިކޮށް، ނަގާފައިވާ ފޮޓޯތަކެެއް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް މީޑިއާތަކުން ގެނެސްދީފައިވެ އެވެ.

މި ފިލްމުގެ ބަތަލާއަކީ ސްރީލީލާ ކަމަށް މީޑިއާތަކުން ބުނާ އިރު، ދެކުނުގެ ފިލްމުތަކުން ވިދައިލި ބަތަލާގެ ފުރަތަމަ ބޮލީވުޑް ފިލްމަކަށް ވާނީ މި އަހަރުގެ ނޮވެމްބަރުގައި ކާތިކް އާރިއަނާ އެކު ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދޭން ހަމަޖެހިފައިވާ ރޮމޭންޓިކް މިއުޒިކަލް އެވެ.

ސްރީލީލާ، 24، މިހާތަނަށް ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ މި ފިލްމަކީ މި މަހުގެ 18 ގައި ރިލީޒްކުރި ތެލެގޫ އެކްޝަން ޑްރާމާ "ޖޫނިއާ" އެވެ.