Last Updated: August 2, 11:51
Saturday, August 2, 2025
ދުނިޔެ

ނާސާ އިން މުވައްޒަފުން މަދުކުރަނީ

އެމެރިކާގެ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު މަދު ކުރަން މިހާރުގެ ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، އެ ގައުމުގެ ޖައްވީ އިދާރާ، ނާސާ އިން ވެސް މުވައްޒަފުން މަދު ކުރުމުގެ މަރުހަލާ ފަށައިފި އެވެ.

އެތަނުގެ މުވައްޒަފުންގެ 20 ޕަސެންޓް މަދުކުރަން ނިންމައި، ދެ ބުރެއްގެ މަތިން މުވައްޒަފުންނަށް ވަޒިފާއިން ވަކިވާން ހުށަހަޅަން އަންގާފައިވެ އެވެ. އެގޮތުން ދިން މުއްދަތު ރެއަށް ހަމަވި އިރު، 3،870 މުވައްޒަފަކު ވަކިވާން ހުށަހަޅާފައިވެ އެވެ. ފުރަތަމަ ބުރުގައި 870 މުވައްޒަފަކު ހުށަހެޅި އިރު، ދެވަނަ ބުރުގައި 3،000 މުވައްޒަފުންނަށް ވަކިވާން ހުށަހެޅި އެވެ.

ނާސާ އިން މުވައްޒަފުން މަދު ކުރުމުގެ މަރުލާގެ ތެރެއިން މި އަހަރުގެ ޖެނުއަރީ 20 ގެ ފަހުން 500 މުވައްޒަފަކު ވަޒީފާ އިން ވަކި ވެސްކޮށްފައިވެ އެވެ.

ނާސާ އިން ބުނީ އެތަނުގެ 20 ޕަސެންޓް މުވައްޒަފުން މަދުކުރުމުން މިހާރު 18،000 އެއްހާ މުވައްޒަފުން ތިބި، ޖައްވީ އިދާރާގެ މުވައްޒަފުންގެ އަދަދު 14،000 އަށް ދަށްވާނެ ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އަންނަ އަހަރު 25 ޕަސެންޓް ދަށްކުރަން ވެސް ނިންމައިފަ އެވެ. އެެގޮތުން އަންނަ އަހަރަށް ލިބޭ ބަޖެޓް 24 ބިލިއަން ޑޮލަރުން 18 ބިލިއަން ޑޮލަރަށް ތިރިވާނެ އެވެ.

ނާސާގެ ތަރުޖަމާނު ޝެރީލް ވޯނާ ވިދާޅުވީ ނާސާގެ މިސްރާބު މިހާރު ހުރީ ކުރިއަށް ވުރެ ހަރުދަނާކޮށް އެތަން ހިންގުން ކަމަށާއި ޖައްވީ މިޝަންތަކުގެ ރަން ޒަމާން ވެސް ގެންނަން ބޭނުންވާ ކަމަށެވެ.

ނާސާ އިން މިހާރު ފަށާފައި އޮތް އެންމެ ބޮޑު މަޝްރޫއަކީ އަލުން ހަނދަށް ދާން ކުރިއަށް ގެންދާ އާޓެމިސް ޕްރޮގްރާމެވެ.