Last Updated: July 28, 22:20
Monday, July 28, 2025
ޚަބަރު

ސިޔާސީ ޕާޓީތަކާ މޯދީ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެގޮތުން ކުރުނބާ މޯލްޑިވްސްގައި އެމްޑީޕީއާ ބައްދަލު ކުރެއްވި އިރު، އެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލާއި ރައީސް އަބްދުالله ޝާހިދާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ އިތުރުން ޔޫތު ވިންގްގެ ރައީސް ރިފްގާ ޝިހާމް ބައިވެރިވި އެވެ.

އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމްއާ ވެސް މޯދީ ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުންތަކަށް ފަހު މޯދީ ސޯޝަލް މީޑިއާގައި ވިދާޅުވީ ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ރާއްޖޭގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ގުޅުންތަކުގެ ސަބަބުން ދެ ގައުމުން ހިއްސާކުރާ އަސާސްތަކުން ބަދަހިކަން އިތުރުކޮށްދޭ ކަމަށް ވިދާޅުވި އެވެ.

މޯދީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މޯދީ ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. އެއީ މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށެވެ.