ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވަން ބާއްވާ ކުލަގަދަ ރަސްމިއްޔާތު މާލެ ސަރަހައްދުގެ އިތުރުން އައްޑޫގައި ވެސް ވަގުތުން ބެލޭނެ ހާއްސަ އިންތިޒާމެއް ހަމަޖައްސައިފި އެވެ.
އެމްއޭސީއެލުން ސޯޝަލް މީޑިއާގައި ބުނީ އައްޑޫގައި އެ ރަސްމިއްޔާތު ބެލޭނެ ހާއްސަ އިންތިޒާމެއް ހަމަޖައްސާފައި ވަނީ ފޭދޫ ބަނދަރުމަތީގައި ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ބެލޭނެ އިންތިޒާމު ފަހިކޮށް ދިނުމުގެ ގޮތުން އެކަމަށް ހާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަލައި އެކަމަށް ޕްލެޓްފޯމްތަކެއް ވަނީ ހަމަޖައްސައިދަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ އާޓިފިޝަން ބީޗާއި ރާޅުގަނޑު ސަރަހައްދާއި ލޮނުޒިޔާރަތް ޕާކްގެ އިތުރުން ރަސްފަންނުގައި އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.
ހުޅުމާލެ އިން ހާއްސަކޮށްފައި ވަނީ ސެންޓްރަލް ޕާކާއި ފޭސް ދޭއް ހިޔާ ޕާކެވެ. ވިލިމާލެ އިން ހާއްސަކޮށްފައި ވަނީ ވިލިމާލެ ފެރީ ޓާމިނަލެވެ.
އާ ޓާމިނަލް ހުޅުވަން މިރޭ ރަސްމިއްޔާތަށް މާލެ ވަށައިގެން ހަވާ އަރުވަން ވެސް ހަމަޖެހިފައިވެ އެވެ.