Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ ފަންޑްގެ ވަފުދެއް

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، އާ ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާކުރައްވާ ކަމަށާއި، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދެއްވާ އެހީތެރިކަން، ޚާއްޞަކޮށް، އެއާޕޯޓުގެ މަޝްރޫޢަށް ވެދެއްވާފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި ރައީސް އެ ފަންޑަށް ޝުކުރު އަދާކުރެއްވިއެވެ. ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވަނީ، އެ މަޝްރޫޢުގެ ކުރިއެރުންތައް، ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ދަރުބާރުން، ގާތުން ބައްލަވަމުން ގެންދެވިކަމަށް ވިދާޅުވެފަ އެވެ.