Last Updated: August 2, 11:51
Saturday, August 2, 2025
މުނިފޫހިފިލުވުން

ކަރަންގެ ފިލްމެއް ވަމީގާ އަށް

ބޮލީވުޑުން މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ބަތަލާ ވަމީގާ ގައްބީ އަށް، ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ވަރަށް އަވަހަށް ޝޫޓިން ވެސް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށާއި މީގެ ނަމަކީ "ކުކޫ ކީ ކުންދަލީ" ކަމަށެވެ. ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަށް ކުރިން ވެސް ދެ ފިލްމެއް ހަދާފައިވާ ޝަރަން ޝަރުމާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލަކީ މަޝްހޫރު ޔޫޓިއުބާ ބުވަން ބަމް އެވެ.

އޭނަ އަކީ ޑައިރެކްޓަރު ނިކިލް އަދުވާނީ އަންނަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދޭން ނިންމާފައިވާ ސީރީޒް 'ދަ ރިވޮލިއުޝަރީސް' ގެ ކާސްޓްގައި ވެސް ހިމެނޭ ފަންނާނެކެވެ.

ޝަރަން ތިން ވަނަ ފިލްމަށް ތައްޔާރުވަމުން އަންނަ އިރު، އޭނަގެ ދެވަނަ ފިލްމަކީ މިދިޔަ އަހަރު ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯއާ އެކު ގެނެސްދިން މިސްޓަ އެންޑް މިސިޒް މާހީ އެވެ. ޝަރަން ޑައިރެކްޓްކުރި ފިލްމަކީ ޖާންވީއާ އެކު 2021 ގައި ގެނެސްދިން "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އެވެ.

ވަމީގާގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބުނު "ބޫލް ޗުކް މާފް" އެވެ. އާންމުކޮށް ޕަންޖާބީ އަދި ދެކުނުގެ ފިލްމުތައް ކުޅޭ ބަތަލާގެ ކުރިއަށް ހުރި ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބޫތު ބަނގްލާ" އާއި ސިދާންތު ޗަތުރަވެދީގެ "ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިން" ހިމެނެ އެވެ.