Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

ގެދޮރުވެރިޔާ ފްލެޓުުތަކުގެ ކުލި ބޮޑުކުރުމަކީ ބޭއިންސާފެއް

ކުރީ ސަރުކާރުގައި އަޅަން ފެށި 'ގެދޮރުވެރިޔާ' ފްލެޓުތަކުގެ ކުލި ބޮޑުކުރަން މި ސަރުކާރުން ނިންމި ނިންމުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 3 ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔަކީ 7،000ރ. އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1،000ރ. ކަމަށާއި، ދެ ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔަކީ 5،000ރ. އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1،000ރ. ކަމަށް ކަނޑައަޅައި އޭރުގެ ހައުސިން މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ތިން ކޮޓަރީގެ ފްލެޓަކަށް މަހު ފީގެ ގޮތުގައި 9،000ރ. އަދި މަރާމާތު ފީގެ ގޮތުގައި 1،500ރ. އަދި ދެ ކޮޓަރީގެ ފްލެޓަކަށް މަހު ފީގެ ގޮތުގައި 7،000ރ. އާއި މާރާމާތު ފީގެ ގޮތުގައި 1،000ރ. ނެގުމަށް ނިންމުމަކީ ދަތި ހާލަތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި މެދު ސަރުކާރުންވާ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

އަދި ގެދޮރުވެރިޔާ ފްލެޓު ލިބޭ މީހުން ފްލެޓަށް ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނު ހޯދުމަށް ލުއިދިނުމަށް އޭރު ނިންމާފައިވަނީ ފުލެޓު ކުލި ދައްކަން ފަށާނީ ތަން ހަވާލުކުރާތާ ތިން މަސް ފަހުން ކަމަށާއި އެއްވެސް އެޑްވާންސް ފައިސާ އެއް ނުނަގަން ނިންމާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

ސޯލިހު ވަނީ އާންމު ރައްޔިތުންނާ ގުޅުންހުރި ނިންމުންތައް ބަދަލު ކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި އެގޮތުން ކުރިން ކަނޑައަޅާފައިވާ ގޮތަށް ކުލި ހަމަޖެއްސުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.