Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

ރަސްމީ ދަތުރުފުޅަށް ފަހު މޯދީ ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު އެނބުރި ފުރާވަޑައިގެންފި އެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖެއިން ފުރާވަޑައިގެންނެވުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ހިތުގެ އެންމެ ފުންމިނުން ރައީސް މުޢިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

"ރައީސް މުޢިއްޒުއާ އެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާ އެކު ދެޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ،" މޯދީ ވިދާޅުވި އެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ 8 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެތެރޭގައި އިންޑިއާއިން ފޯރުކޮށްދޭ 526 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެއްބަސްވުން ފާހަގަކޮށްލެވެ އެވެ.