Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

މާލޭގެ ތޮށި މަރާމާތުކުރަން ޖަޕާނުން 10.5 މިލިއަންގެ އެހީ

ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކުރައްވައިފި އެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޑޮލަރަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދެއްވާފައިވާ އެހީއެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި މާލެ ވަށައި ލާފައިވާ ތޮށީގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. މިގޮތުން އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ފާހަގަކުރެއްވި އެވެ.

އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން ފާހަގަކުރެއްވި އެވެ. އަދި މިއަދު ސޮއިކުރެއްވި "އެކްސްޗޭންޖް އޮފް ނޯޓްސް" އަކީ މި މުހިއްމު މަޝްރޫޢު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމުގައި ފާހަގަކުރެއްވި އެވެ.