Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް ހުޅުވައިފި

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް މިރޭ ހުޅުވައިފި އެވެ.

ވީއައިއޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭން ނިންމާފައި ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށެވެ. އަދި ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ސެޕްޓެމްބަރުމަހު އާ ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން – ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޓާމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.

އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.