ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލަކީ ދިވެހިންނަށް ލިބޭ ފަހުރަކާއި ޝަރަފެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ މި ޓާމިނަލަށް ދިވެހި ދިދަ ހިފައިގެން އަންނަ ބޯޓުތަކާއި ކަރަކަރައިގެ ބޯޓުތަކުން ޓާމިނަލް ޒީނަތްތެރިކޮށްލާނެ ކަމަށާއި ނަމަވެސް މިއީ ދިވެހިންނަށް ލިބިފައިވާ ޝަރަފާއި ފަހުރެއްކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.
"މިއީ ދިވެހިންގެ ފަހުރު. އެންމެންގެ ޝަރަފު. މަރުހަބާ ޝުކުރު ހައްގުވަނީ އަޅުގަނޑުމެން އެންމެންނަށް،" ޝަރީފް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އާ ޓާމިނަލްގެ މަސައްކަތް އަވަސްކުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރު މަގާމާއި ހަވާލުވިއިރު ތަނުގައި ހުރީ ހުސް ހުރަސްތައް ކަމަށާއި ނަމަވެސް އެންމެ ދޮޅު އަހަރުން ޓާމިނަލް 70 ޕަސެންޓްގެ މަސައްކަތް މި ސަރުކާރުން ނިންމި ކަމަށެވެ.
"ރައީސް މުއިއްޒު ފަދަ ކާމިޔާބު ލީޑަރުންގެ ތައުރީފަކީ މިއީ،" ޝަރީފް ވިދާޅުވި އެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭން ނިންމާފައި ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށެވެ. އަދި ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ސެޕްޓެމްބަރުމަހު އާ ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.