ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލަކީ ރާއްޖެ އެތައް ހަރުފަތަކަށް ކުރިއަށް ގެންގޮސްދެވޭނެ މުހިއްމު ފެށުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ ވަރަށް މުހިއްމު ފެށުމެއް ކަމަށާއި މި ފެށުން ވެގެންދާނީ ރާއްޖެ އެތައް ހަރުފަތަކަށް ކުރިއަށް ގެންގޮސްދޭނެ ފެށުމަކަށް ކަމަށެވެ.
"މިއީ ވަރަށް މުހިއްމު ފެށުމެއް. މި ފެށުން ވެގެންދާނީ ރާއްޖެ އެތައް ހަރުފަތެއް ކުރިއަށް ގެންގޮސްދޭނެ ފެށުމަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާ ޓާމިނަލް ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް ހުޅުވަން ބޭނުންވީ ގަސްދުގައި ކަމަށާއި އެގޮތުން މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސޯދީ މިނިވަންކަމަކީ ވަރަށް ޚާއްސަ ކަމަކަށްވާތީ ކަމަށެވެ.
"އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ މި އެއާޕޯޓުކަމުގައި ވާތީ. މި އެއާޕޯޓުގެ އެންމެ މުހިންމު ބިނާއަކީ މި ޓާމިނަލް ކަމުގައިވާތީ. އެހެންވީމަ މިރޭ ހުޅުވަން ބޭނުންވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އާ ޓާމިނަލްގެ މަސައްކަތުގައި މަސައްކަތް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން އެންމެން ގުޅިގެން މަސައްކަތް ނުކުރިނަމަ އަދި އިތުރު ދޮޅު އަހަރަށް މި ޓާމިނަލްގެ މަސައްކަތް ލަސްވީސް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް ގައުމަށް އިސްކަންދިނުމަށާއި ގައުމަށް ހެޔޮކަމެއް ކޮށްދެވޭނީ އޭރުން ކަމަށްވެސް ވިދާޅުވެފަ އެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭން ނިންމާފައި ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށެވެ. އަދި ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ސެޕްޓެމްބަރުމަހު އާ ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.