ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ މުވައްޒަފުންގެ ފެރީ ދަތުރާއި ބަސް ދަތުރު ކުރަމުން ދިޔަ އެމްވީކޭގެ އެއްބަސްވުން ބާތިލްކޮށް، އެ ދަތުރުތައް ކުރުމަށް ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް އާ ހަވާލްކޮށްފި އެވެ.
ޝަންގްރިއްލާ މުވައްޒަފުންގެ ފެރީ އާއި ބަސް ދަތުރާއި އަލަށް އަވާލްވި ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ބުނީ މިވަގުތު އެ ކުންފުނީގެ ފެރީ އާއި ބަހެއް މިހިދުމަތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ.
ލިއޯ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު ހަސަން ލަބީގް ވިދާޅުވީ އެކުންފުންޏާ މަސައްކަތާ ހަވާލުވީ ޝަންގްރިއްލާ އިން އެކަމަށް އިއުލާންކުރުމުން ބިޑް ކާމިޔާބްކޮށްގެން ކަމަށެވެ.
ލަބީގް ވިދާޅުވީ ޝަންގްރިއްލާގެ ޓާގެޓަށް އެ ކުންފުނިން ހިދްމަތް ފޯރުކޮށް ދެވޭތޯ މަސައްކަތް ކުރާނެ މަށެވެ.
އައްޑޫގައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދްމަތް ދެމުން އައި އެމްވީކޭ ކުންފުންޏާއި އެކު ޝަންގްރިއްލާއިން ވި އެއްބަސް ވުން އުވާލަން ޖެހުނީ އެކުންފުންޏަށް މުވައްޒަފުންގެ މުސާރަ ބަރާބަރަށް ނުދެވިގެން އެކަމާއި މުވައްޒަފުން ކުރަން ފެށި ހަޅުތާލާއި ގުޅިގެން ޝަންގްރިއްލާގެ މުވައްޒަފުންގެ ދަތުރުތަކަށް ބުރޫއަރަން ފެށުމުންނެވެ.
ރާއްޖޭގައި ލޮޖިސްޓިކް މަސައްކަތްތައް ފުޅާކޮށް ކުރަމުން އަންނަ ލިއޯ ޓްރޭޑިން ކުންފުނިން ވަނީ ފޭދޫގައި އެ ކުންފުނީގެ އޮފީހެއް ވެސް ގާއިމުކޮށްފަ އެވެ.
އަދި އެކިއެކި ބޭނުންތަކަށް ބަސް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.