Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

އިސްކުރަންވީ ގައުމު، އޭރުން އެތައް ތަރައްގީއެއް ހާސިލުވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އިސްކުރަންވީ ގައުމު ކަމަށާއި އޭރުން ތަރައްގީގެ އެތައް ކަމެއް ހާސިލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިފަދަ ވަގުތެއްގައި ޢަޒުމް ކަނޑައަޅަންވީ، ޤައުމު އިސްކުރުމަށް ކަމަށާއި މިފަދަ ކޮންމެ ހިނދުކޮޅެއްގައި، ވަގުތެއްގައި ގަބޫލުކުރަންވީ، ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ނިސްބަތްވާ، އެއް މާޒީއެއް އޮތް، އެއްބައެއްވަންތަ ބައެއްކަން ކަމަށެވެ.

"މިއީ ދިވެހިން. ފަޚުރުވެރި ދިވެހިން. ފަޚްރުވެރި މާޒީއެއް އޮތް ދިވެހިރާއްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު. އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތާއި، އަޅުގަނޑުމެންގެ ޒާތީ ތަޢައްޞުބާއި، އަޅުގަނޑުމެންގެ ހުރި ކޮންމެ ކަމަކަށްވުރެވެސް އިސްވާންވީ ދިވެހި ޤައުމު. ދިވެހި ޤައުމު އިސްކޮށް، އެންމެން އެކަތިގަނޑަކަށްވެ، މި ޤައުމު ކުރިއެރުމުގައި، މި ޤައުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި އަޅުގަނޑުމެން ކިޔަންވީ އެކައްޗެއް. އެއް ލަވައެއް. އެއްބަހަކުން، އެއް ރާގެއްގައި، އެއްވާނެއްގައި ވާހަކަ ދައްކަންވީ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ޤައުމަށް އެންމެ ހެޔޮ ކަންތައްތައް ކޮށްދެވޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެން ޢަޒުމް ކަނޑައަޅަންވީ، ކޮންމެ މީހެއްގެ ހުރި ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން ކަމާއި، އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދިޔުމަށް ކަމަށެވެ.

"އެގޮތަށް އަޅުގަނޑުމެން ކުރިއަށް ހިނގައްޖެ ކަމަށްވަނީވިއްޔާ މިފަދަ އެތައް ތަރައްޤީގެ ކަންކަން އަޅުގަނޑުމެންނަށް ހާސިލުވާނެ. ބިނާތައް ހެދި، އަދި މާނަވީގޮތުންވެސް ޤައުމު ތަރައްޤީ ވެގެންދާނެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްޤީ ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.