ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަކީ ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ކުރާ ދަތުރުގެ ފެށުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އާ ޓާމިނަލް ރޭ ވަނީ ހުޅުވާފަ އެވެ. އާ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ހިމެނޭ އާ ޓާމިނަލް ހުޅުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އިޤްތިޞާދަށް ބޮޑު އަގެއް ލިބިގެންދާނެ މުހިންމު އާ ބާބެއް ކަމަށެވެ. އަދި އިންފްރާސްޓްރަކްޗާ އަށް ވުރެ ބޮޑަށް މި ކާމިޔާބީއަކީ، ދިވެހިންގެ ޤައުމީ ފަޚުރާއި، މޮޅުވުމަށް ކުރާ ފަސްނުޖެހޭ ވަޢުދުގެ ހެއްކެއް ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން މިއީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކާ ދިމާލަށް ރާއްޖެ ކުރާ ދަތުރުގެ ފެށުން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭން ނިންމާފައި ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށެވެ. އަދި ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ސެޕްޓެމްބަރުމަހު އާ ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.