ޗެލްސީގެ ޕޯޗުގީސް ޕްލޭމޭކަރު، ޖައޯ ފެލިކްސް ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފެލިކްސް ގެންނަން އަލް ނަސްރުން ވަނީ ޗެލްސީއަށް 40 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ޗެލްސީ އާއި އަލް ނަސްރުން އެއްބަސްވުމަކަށް އައުމާ ގާތަށް ގޮސްފައިވާއިރު، އަލް ނަސްރަށް ބަދަލުވުމަށް ފެލިކްސް އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އަލް ނަސްރަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެމުން އަންނަ ކްލަބެވެ.
މި ޓްރާންސްފާ މާކެޓުގައި ފެލިކްސް ގެންނަން އޭނާ ކުރިން ކުޅުނު ކްލަބް ކަމަށްވާ، ޕޯޗުގަލްގެ ބެންފީކާ އިން ވެސް މަސައްކަތްކޮށްފައިވެ އެވެ.
ފެލިކްސް ،25، ޗެލްސީއާ ގުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 46.3 މިލިއަން ޕައުންޑުގެ އަގަކަށް އެތުލެޓިކޯ މެޑްރިޑުންނެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ފުރަތަމަ ބައިގައި އެކަށީގެންވާ އަދަދަކަށް މެޗުތައް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާތީ، މިދިޔަ ޖެނުއަރީގައި އޭނާ ލޯނެއްގެ ދަށުން ވަނީ އޭސީ މިލާނަށް ފޮނުވާލައިފަ އެވެ.
ފެލިކްސް ވަނީ 2023 ވަނަ އަހަރު ލޯނެއްގެ ދަށުން ވެސް ޗެލްސީ އަށް ކުޅެފަ އެވެ. އޭގެ ފަހުން ލޯނެއްގެ ދަށުން ދެން އޭނާ ކުޅުނީ ސްޕެއިންގެ ބާސެލޯނާ އަށެވެ.
ފެލިކްސްގެ އިތުރުން ޗެލްސީން އަންނަނީ އެ ކްލަބުގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން އާއި އިނގިރޭސި ފުލްބެކް ބެން ޗިލްވެލް ވެސް ވިއްކާލަން މަސައްކަތް ކުރަމުންނެވެ.