އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު 'ވޯ 2' އިން ރިތިކް ރޯޝަންގެ ފީ އަށް ވުރެ ބޮޑު އަގެއް އެކްޓަރު އެންޓީއާރް ޖޫނިއާ އަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމަކީ އެ ސްޓޫޑިއޯގެ އެންމެ އަގުބޮޑު ފިލްމު ވެސް މެ އެވެ. 'ވޯ 2' ހަދާފައި ވަނީ 400 ކްރޯޑް ރުޕީސް (42.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ބަޖެޓުން 150 ކްރޯޑް ރުޕީސް (17.3 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އަދަދެއް ފިލްމުގެ މައިގަނޑު ލީޑް ތަރިންނަށާއި ޑައިރެކްޓަރަށް ހޭދަކުރި އިރު، މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރްގެ ފުރަތަމަ ބޮލީވުޑްގެ ފިލްމުގައި ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭ ފިލްމަށް އޭނަ ސޮއިކުރީ 70 ކްރޯޑް ރުޕީސް (8.1 މިލިއަން ޑޮލަރު) އަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން 'ވޯ 2' އިން ރިތިކް ފީއެއްގެ ގޮތުގައި ދީފައި ވަނީ 50 ކްރޯޑް ރުޕީސް (5.8 މިލިއަން ޑޮލަރު) އެވެ. ނަމަވެސް ފިލްމު އަޅުވައިގެން ލިބޭ އާމްދަނީން އޭނަ އަށް ބައިއަޅާ ގޮތަށް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ވައިއާރްއެފްގެ ފިލްމެއް އަލަށް ކުޅުނު ބަތަލާ ކިއާރާ އަދުވާނީގެ ފީ އަކީ 15 ކްރޯޑް ރުޕީސް (1.7 މިލިއަން ޑޮލަރު) އެވެ. މީގެ އިތުރުން 'ވޯ 2' ގެ މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރު އަނިލް ކަޕޫރްގެ ފީ އަކީ 10 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) އެވެ.
ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފީ އަކީ 30 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމިުތަކުގެ ތެރޭގައި ހިމެނޭ ވޯ 2 ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14 ގަ އެވެ. ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމަކީ 2019 ގެ 'ވޯ' ގެ ސީކްއެލް އެވެ.