Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ގާސިމާއި ސޯބިރަށް ވެސް ނިޝާން ޢިއްޒުއްދީންގެ ލަގަބު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރަށް ވެސް އަރުވައިފި އެވެ.

އެ ބޭފުޅުންނަށް އެ ލަގަބު އެރުވީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ވިޔަފާވެރިޔާ ކަމަށްވާ ގާސިމަކީ މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރެކެވެ. އޭނަ އަކީ ފިނޭންސް މިނިސްޓަރުކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ގާސިމް އެންމެ ފުރަތަމަ އަދާކުރެއްވި ސަރުކާރުގެ ވަޒީފާ އަކީ ގަވަމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާ އެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު އޭނަ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. އެއަށް ފަހު 1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި އަމިއްލަ މަސައްކަތުގެ ދާއިރާއަށް ވެދެވަޑައިގެންނެވިއެވެ.

ގާސިމަކީ ވަނީ ނޮވެންބަރު 1، 2018 އިން މެއި 27، 2019 އާ ހަމައަށްގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ސޯބިރަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުއްވީ ޓޫރިޒަމާއި އިގްތިސޯދީ ދާއިރާއިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އޭނަ ޓޫރިޒަމް މިނިސްޓަރުކަމުެ އިތުރުން ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ސޯބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ސަފީރުގެ މަގާމު ހިމެނެ އެވެ.