އެއީ ތިން އެކުވެރިންނެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ފާފަކުރުމުގައި ހައްދުފަހަނައަޅައި ގޮސް ފާޙިޝްކަންކަމަށް ގެނބެމުން ދިޔަ ދެ ޖާހިލުންނެވެ. އެ ދެ މީހުން ހެޔޮބަސްތަކަށް އިންކާރު ކުރިއެވެ. ހެޔޮބަސްތަކަށް ކަނު ލޮލެއްދީ ބީރުކަންފަތެއް ދިނެވެ.
އެގޮތުން މި ދެ މީހުން ދުނިޔޭގެ އެކިއެކި ތަންތަނަށް ދަތުރުކޮށް އެއް ފާޙިޝްކަމުން އަނެއް ފާޙިޝްކަމަށް ގެނބެމުން ކޮފެމުން ދަތުރުކުރަމުން ދިޔައެވެ. މިހެން އުޅުމަށް ފަހު އެއް ރެއެއްގައި އެ ދެ މީހުން އެދެ މީހުންގެ ގައުމުގައި ވި އެވެ. އަދި ނުބައި ފާޙިޝް ކަމަކަށް އަރައިގަތުމުގެ ނިޔަތުގައި މި ދެ މީހުން އެ ޤައުމާއި އިންވެގެން އޮތް އެހެންތަނަކަށް ދިޔުމަށް ނިންމި އެވެ.
އެބައިމީހުންގެ ތިންވަނަ އެކުވެރި ޔާވެސް މިބައިމީހުންގެ ދަލުގައި ޖައްސައި ކާރަށް އަރުވައިގެންނެވެ.
މިބައިމީހުން ހައިވޭގައި ދަތުރުކުރަމުން ދިޔައެވެ. އެއީ ރޭގަނޑެވެ. ކާރު ދިޔައީ ނުހަނު ހަލުވި ދުވެލީގަ އެވެ. ނަމަވެސް ފަހަތުގައި އިން ތިންވަނަ އެކުވެރިޔާ އިނީ މާޔޫސްވެ ކަންބޮޑުވެފަ އެވެ. މިހެން އިންދާ އެބައިމީހުން ދަތުރުކުރަމުން ދިޔަ ކާރު މަގުގެ އެއްފަރާތުގައި ދުރުމިން އަންގައިދޭން ޖަހާފައި ހުރި ބޯޑެއް ކައިރިން ހުރަސްކުރި އެވެ. އެވަގުތު ކާރުގެ ފަހަތުގައި އިން ތިންވަނަ އެކުވެރިޔާ އަށް ފެނުނީ އެ ބޯޑުގައި މިފަދައިން ލިޔެވިފައި ވަނިކޮށެވެ.
"ނަރަކަ އާއި މިތަނާ ދެމެދުގައި ވަނީ 150 ކިލޯމީޓަރެވެ."
މި ބޯޑު ފެނުމުން އޭނާ ދެ ލޯ ބޮޑުވި އެވެ. އަދި އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ނިޝާނެއް ކަމުގައި ދެ އެކުވެރިން ގާތުގައި ބުންޏެވެ. އަދި އެދެ އެކުވެރިންނަށް ވިސްނައިދެވޭތޯ އެތައް ގޮތަކުން ބެލި އެވެ. ނަމަވެސް އެ ދެ މީހުންގެ ޖަވާބަކަށްވީ މަލާމާތުގެ ހުނުމާއި ފުރައްސާރައެވެ. އޭނާ އެބައިމީހުންނަށް ތައުބާވާން ނަޞީޙަތް ދެވުމުން ވެސް އެބައިމީހުން ދިނީ ބީރުކަންފަތެކެވެ.
މިކަމާ ތިންވަނަ އެކުވެރިޔާ ހަމަހިމޭންވި އެވެ. އަދި ބުނާނެ އެއްޗެއް ނޭނގިފައި މަގުގެ އެއްފަރާތަކަށް ބަލަހައްޓައިގެން އިނެވެ. އެހިނދު ކުއްލިޔަކަށް އަނެއްކާ ވެސް މަގުގެ އެއް ފަރާތުގައި ދުރުމިން އަންގައި ދިނުމަށް ހަރުކޮށްފައި ހުރި ބޯޑެއް އޭނާއަށް ފެނުނެވެ. އެބޯޑުގައި ވެސް ލިޔެފައިވަނީ ކުރިން ފެނުނު ބޯޑުގައި ވެސް ލިޔެފައިވާ ފަދަ މެސެޖެކެވެ. އޭގައި ލިޔެފައިވެ އެވެ.
"ނަރަކަ އާއި މިތަނާ ދެމެދުގައި ވަނީ 100 ކިލޯ މީޓަރެވެ."
ދެން ފަހެ މިކަމާ މި ރަހުމަތްތެރިޔާ ކަންބޮޑުވެ އެބޯޑު އޭނާގެ ދެއެކުވެރިންނަށްވެސް ދެއްކިއެވެ. ނަމަވެސް އެބައިމީހުންނަކަށް އޭގައި ލިޔެފައިން އެއްޗެއް ފެންނަ ކަމަކަށް ނުވިއެވެ. އަސްތަޣުފިރުﷲއެވެ.
ކޮންމެއަކަސް މި ތިން ނވަނަ ރަޙުމަތްތެރިޔާއަށް ކޮންމެވެސް ނުރައްކާތެރި ކަމެއް ވާން އުޅޭ ކަމުގެ އިޙުސާސްކުރެވުނެވެ. އަދި އެބައިމީހުން ގާތުގައި ކާރު އަނބުރާލުމަށް އެދުނެވެ. ނަމަވެސް އެކަމަށް އެބައިމީހުން ކުރީ އިންކާރެވެ. ކުރިމަތިވާން މިއުޅެނީ ކޮންފަދަ ނުރައްކަލަކާއި ކަމެއް އެބައިމީހުންނަކަށް ނުވިސްނުނެވެ. އެބައިމީހުން ބޭނުންވީ ފާފަތަކަށް ގެނބިގަންނަން ދާށެވެ. ފާޙިޝް ކަންތައްތަކުން ފެންވަރައިލާށެވެ.
ފަހެ މި އެކުވެރިޔާގެ މަސައްކަތް ބޭކާރުވުމުން އޭނާ ނިންމީ ކާރުން ފޭބުމަށެވެ. އެހެންކަމުން އެބައިމީހުން ކާރު ހުއްޓާފައި އެފުރަ ކަނު މެންދަމު އޭނާ ހައިވޭއަށް ބޭލިއެވެ. އަދި އެބައިމީހުންގެ ފާފައިގެ މަންޒިލަށް ދިޔުމަށް ދަތުރު ފެށިއެވެ.
އޭނާ ކާރުން ފޭބުމަށް ފަހު އެތަނުގައި މަޑުކޮށްގެން ހުއްޓައި މާގިނަ އިރުތަކެއް ނުވަނީސް މާތްﷲ ގެ ހެޔޮރަހުމަތް ފުޅުން މާދުރުން އަންނަ ބޮޑު ޓުރަކެއް ފެނުނެވެ. އަދި އެނާ ދަތުރު ކުރާނެ ސަވާރީއެއް ދެއްވިކަމަށްޓަކައި މާތްﷲ އަށް ޝުކުރު ކުރާ ހާލު އެ ޓުރަކު ހުއްޓުމަށް އަތުން އިޝާރާތް ކުރިއެވެ. ޓުކަރު މަޑުކުރުމުން އެޔަށް އަރައި ހަމަޖެހިލި އެވެ.
ނަމަވެސް އޭނާ އެ ޓުރަކަށް އެރިއިރު އޭގެ ޑުރައިވަރު އިނީ ކަންބޮޑުވެ ހާސްވެފައެވެ. އޭނާ ބުނަމުން ދިޔައެވެ. “އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެދެމީހުންނެއް ސަލާމަތެއް ނުވިއެވެ.” އެހިނދު މިއެކުވެރިޔާ ވަރަށް ޚައިރާންވެފައި އެއީ ކޮން ބައެއްތޯ އާއި ވީ ކީއްތޯ ސުވާލުކުރި އެވެ.
ޓްރަކުގެ ޑުރައިވަރު ކިޔައި މދިނެވެ. “މަގުގެ މިކޮޅުން ވަރަށް ބާރަށް ދުއްވާފައި ދިޔަ ކާރަކާއި އެކްސިޑެންޓު ވީއެވެ. އަދި އެ ކާރު އެނދިލެއް ބޮޑުކަމުން ކާރުގައި ތިބި ދެ ޒުވާނުން ސަލާމަތް ނުކުރެވުނެވެ.” އެ ހިނދު މި ރަހުމަތްތެރިޔާ ދެ ލޯ ބޮޑުވެފައި ސުވާލުކުރި އެވެ. އެއީ ކޮން ކުލައެއްގެ ކާރެއް ހެއްޔެވެ.؟ ޓުކަރު ޑުރައިވަރު ޖަވާބު ދިނުމުން އެއީ އޭނާ މީގެ އިރުކޮޅެއް ކުރިން ރަހުމަތްތެރިންނާއި އެކު ދަތުރުކުރި ކާރުކަން ޔަޤީންވި އެވެ. އަދި އޭނާ މިކަމުން ސަލާމަތްކުރެއްވި ކަމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ޝުކުރު އަދާކުރި އެވެ. މާތްﷲގެ ރަޙުމަތުގެ ތަނަވަސްކަމާ އެވެ.
ސުބުޙާނަﷲ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަން ނިކަން ދެކިބަލާށެވެ. އެއިލާހަށް ކިޔަމަންތެރިވާ އަޅުންނަށް އެއިލާހު ރަހުމަތް ލައްވައެވެ. އަދި އުރެދޭ ފަރާތްތަކަށް އަޛާބު ދެއްވުމުގައި އެއިލާހު ގަދަފަދަ ވޮޑިގެންވެއެވެ. އެއިލާހު ބޭނުންވެ ވޮޑިގެންވާ ފަރާތަކަށް މަގުދައްކަވަ އެވެ. އަދި ބޭނުންވެ ވޮޑިގެންވާ ފަރާތެއް މަގުފުރައްދަވައި މި ދުނިޔެ އާއި އަދި އާޚިރަތުގައި އަޛާބު ދެއްވަ އެވެ.
އަޅުގަނޑުގެ ދުޢާއަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީވެސް ތައުބާވާ ބަޔެއްކަމުގައި ލެއްވުމެވެ. އަދި ހެޔޮވިސްނުން ދެއްވައި ފާފަ ކުރާ އެކަލާނގެ އަށް އުރެދޭ މީހުންގެ ތެރެއިން އަޅުގަނޑުމެން ނުލެއްވުމެވެ. އާމީން
ނޯޓް: މިއީ ރޯމިން ފްރެންޑްސްގައި ގެނެސްދީފައިވާ ލިޔުމެކެވެ.