Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

މިނިވަންކަން ދަމަހައްޓަން އެއް މިސްރާބެއް ބޭނުންވޭ

ޤައުމުގެ މިނިވަންކަން ދެމިއޮންނާނީ އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މަސައްކަތްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މިއަދު ދިވެހިން މި ދެކޭ މިނިވަން ކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި ޤައުމީ މަސައްކަތުން ލިބިފައިވާ އެއްޗެއް ކަމަށެވެ. އެހެންވެ އެ ބޭފުޅުންގެ އެ ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަން ވާނީ ގައުމީ ލޯބި އިސްކޮށްގެން ކަމަށެވެ.

އެ މަނިކުފާނި ވިދާޅުވީ ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިޔަސް ދިވެހިންގެ ކަންކަން ނިންމާނީ ދިވެހީން އަމިއްލަ އަށް ކަމަށެވެ. އަދި ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެކި ޤައުމުތަކާ އެކު ގާތް، ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހި ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް އެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރެވޭނީ ވެސް އެންމެން އެކޫ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވިއެވެ.

"އެކި މީހުން އެކި ދިމާލަށް، އެކި ވިސްނުމުގައި ގޮސްގެން، ޤައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މިދެންނެވި ވިސްނުމުގައި ދާހިނދު އެކަނި ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ،" ރައީސް ވިދާޅުވި އެވެ. "އެހެންވީމަ މިގޮތުގައި، މި ޢަޒުމު ކަނޑައަޅަން އަޅުގަނޑު އިލްތިމާސްކުރަން ދިވެހި ހުރިހާ ރައްޔިތުންނަށް."