ރާއްޖޭގެ ހާރިޖީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، އަހުމަދު ސަލީމަށް އެ ދާއިރާއިން، އެންމެ މަތީ ޝަރަފްގެ އިނާމު ދީ އެވެ.
އިއްޔެ ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ސަލީމަށް ޝަރަފް އެރުވީ ރައީސް މުހައްމަދު މުއިއްޒެވެ.
ފަންސާސް އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ސަލީމް، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ރާއްޖޭގެ ހާރިޖީ ދާއިރާގަ އެވެ. އެގޮތުން އެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެވެ.
ސަލީމް ސަރުކާރާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ވެސް ހާރިޖީ ދާއިރާއިންނެވެ
އޭނަ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމާއި ސާކަށް ރާއްޖޭން އެންމެ ފުރަތަމަ ކަނޑައެޅި ޑިރެކްޓަރުކަމުގެ މަގާމު، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމާއުި ރާއްޖޭން ނޭޕާލަށް ކަނޑައަޅާފައި ހުންނަ ނޮން-ރެޒިޑެންޓް ސަފީރުގެ މަގާމު ހިމެނެ އެވެެ.
މީގެ އިތުރުން ވެސް ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ސަލީމް އަދާކުރެއްވި އެވެ. އެންމެ ފުރަތަމަ އުފެއްދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމާއި ފަހުން އެތަނުގެ ރައީސްކަން ވެސް ކުރެއްވި ސަލީމ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމާއި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.