ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ހިދުމަތަށް ހާއްސަކޮށް ހުޅުވި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.
އޮރެންޖް ހިޔާ ބިލްޑިންގައި އޮތް މި ހަފްލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރު އިފުތިތާހުކުރުމުގެ ކުރިން، އާ އިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލި އެވެ.
ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސެންޓަރު ބައްލަވާލައްވާފަ އެވެ.
މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ހިދުމަތްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ޖުމްލަ 30 އެނދާއެކު ހުޅުވި މި ސެންޓަރުގެ ސަބަބުން ކިޑްނީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ހިދުމަތް ހޯދުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެ އެވެ.
ސިއްހީ ހިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލު ހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހާސިލުކުރުމަން އަމާޒުހިފާފައިވާ ލަނޑުދަނޑިއެއް ކަމަށް ރައީސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން މިހާރުވެސް ސިއްހީ ދާއިރާގެ 400 މިލިއަން ރުފިޔާއަށް ވުރެ ގިނަ، މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ހިންގަމުންނެވެ.