މިދިޔަ ޖޫން މަހުން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު "ސޮރީ" ގެ ވަދާއީ ޝޯތައް މި މަހުގެ 30 އާއި 31 ގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކުރިން އޮތް ގޮތުން މި ފިލްމުގެ އެންމެ ފަހު ދެ ޝޯ ދައްކަން އޮތީ 28 އާއި 29 ގަ އެވެ. ނަމަވެސް "ސޮރީ" އޮލިމްޕަހުގައި ބަލަން ގިނަ ބަޔަކު ޑިމާންޑް ކުރަމުން ދިއުމާ ގުޅިގެން އެތަނުން މިހާރު ވަނީ ޝޯތައް މި މަހުގެ ނިޔަލަށް ފިލްމު ދައްކަން ފުރުސަތު ފަހިކޮށް ދީފަ އެވެ.
އެހެންވެ އެންމެ ފަހު ދެ ޝޯގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ނަހުލާގެ "ސޮރީ" އޮލިމްޕަހުގައި ޕްރީމިއާކުރީ ޖޫން މަހުގެ 17 ގަ އެވެ. މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ވެސް ފިލްމު ދައްކާފައިވެ އެވެ. އަދި އިތުރު ރަށްރަށުގައި މިހާރު ވެސް އަންނަނީ ފިލްމު އަޅުވަމުންނެވެ.
ދާދި ފަހުން "ސޮރީ" ގެ ޝޯތަކެއް ސްރީ ލަންކާ އާއި ތައިލޭންޑްގައި ވެސް ދައްކާފައިވެ އެވެ.
ނަހުލާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ. މި ތަރިންނާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލުތަކަކުން ކުޑަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ.
"ސޮރީ" ގެ ކާސްޓުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ވެސް ފެންނާނެ އެވެ.
އޮލިމްޕަހަށް ދެން އެންމެ އަވަހަށް އަންނަން އޮތް ފިލްމަކީ އައި ފިލްމްސްގެ "ލޯބިން" އެވެ. އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު ޕްރީމިއާ ކުރާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ. އަދި އަންނަ މަހުގެ 31 ގައި ހުސައިން މުނައްވަރު (ކިޑް) ގެ "ކަނބުލޮ" އޮލިމްޕަހަށް ގެންނާނެ އެވެ.