Last Updated: August 2, 11:51
Saturday, August 2, 2025
ރިޕޯޓް

ﷲ ލޯބިވެވޮޑިނުގަންނަވާ 9 ބާވަތެއްގެ މީހުން

1. ކާފިރުން

މާތް ﷲ ވަޙީކުރެއްވިއެވެ. “وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ” سورة البقرة 276

މާނައީ: “އަދި، ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެ އެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. “فَإِنَّ اللَّـهَ لَا يُحِبُّ الْكَافِرِينَ” سورة آل عمران 32

މާނައީ: “ފަހެ، ހަމަކަށަވަރުން، ކާފިރުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވަ އެވެ.”

2. އަނިޔާވެރިން

މާތް ﷲ ވަޙީކުރެއްވި އެވެ. “وَاللَّـهُ لَا يُحِبُّ الظَّالِمِينَ” سورة آل عمران 57

މާނައީ: “އަނިޔާވެރިންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

3. ތިމާގެ މޮޅުކަން ތިމާއަށް ފެނި ބޮޑާވާ މީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا” سورة النساء 36

މާނައީ: “ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިނުގަންނަވަ އެވެ.”

4. ފަސާދަކުރާ މީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. ”وَاللَّـهُ لَا يُحِبُّ الْمُفْسِدِينَ” سورة المائدة 64

“ފަހެ، ފަސާދަ ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވަ އެވެ.”

5. ހައްދުފަހަނައަޅައިދާ މީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. ”يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّـهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّـهَ لَا يُحِبُّ الْمُعْتَدِينَ” سورة المائدة 87

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި، ﷲ ޙަލާލު ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން ޙަރާމް ނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، ހައްދުފަހަނައަޅައިދާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވަ އެވެ.”

6. އިސްރާފުކުރާ މީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. “وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ” سورة الأنعام 141

މާނައީ: “އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިނުގަންނަވަ އެވެ.”

7. ޚިޔާނާތްތެރިން

މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّ اللَّـهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا” سورة النساء 107

މާނައީ: “ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ ﷲ ލޯބިވެވޮޑިނުގަންނަވަ އެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވި އެވެ. “إِنَّ اللَّـهَ لَا يُحِبُّ الْخَائِنِينَ” سورة الأنفال 58

މާނައީ: “ހަމަކަށަވަރުން، خيانة ތެރިންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

8. ބޮޑާވެގަންނަ މީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّهُ لَا يُحِبُّ الْمُسْتَكْبِرِينَ” سورة النحل 23

މާނައީ: ”ހަމަކަށަވަރުން، ބޮޑާވެގަންނަ މީހުން ދެކެ، އެކަލާނގެ ލޯބިވެވޮޑިނުގަންނަވަ އެވެ.”

9. ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުން

މާތް ﷲ ވަޙީކުރެއްވި އެވެ. “إِنَّ اللَّـهَ لَا يُحِبُّ الْفَرِحِينَ” سورة القصص76

“ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވަ އެވެ.”

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.