Last Updated: July 13, 12:02
Monday, July 13, 2026
ޚަބަރު

އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުވައިފި

ސަރުކާރުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކުރި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުވައިފި އެވެ.

މި އައިނު ފިހާރަ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ފިހާރަ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ، އެ ފިހާރަ ބައްލަވާލައްވާފަ އެވެ. އަދި އެ ފިހާރައިން ޚިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، ރައީސް ވަނީ އައިނު ހަވާލުކޮށްދެއްވާފަ އެވެ.

އައިނު ހެދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސް އިޢުލާންކުރެއްވީ މޭ މަހުގެ 31 ގަ އެވެ.

ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އެމްސީޖީއެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ، އޮގަސްޓް މަހު ހުޅުމާލޭގައި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަން އިއުލާންކުރައްވާފަ އެވެ.