ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތްކޮށްފައިވާ 4000 ފްލެޓު ދޫކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ އެގްރިމެންޓުތަކުގައި ގާނޫނީ ގޮތުން ނުރައްކާތެރި ކަންބޮޑުވާ މައްސަލަތަކެއް ހުރިކަމަށް ފަހި ޔޫނިއަނުން މިއަދު ބުނެފިއެވެ.
ފަހި ޔުނިއަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކުރާ އެެއްވެސް ސްކީމެއްގައި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ. ނަމަވެސް 4،000 ފުލެޓު ލިބޭ މީހުންނާ ދެމެދު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށާއި ފުލެޓު މިލްކު ވަނީ ކުއްޔަށް ފައިސާ ދައްކާތާ 25 އަހަރު ފަހުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ އެގޮތަށް ތަފާތު އުސޫލަކުން 4000 ފްލެޓު ލިބޭ މީހުންނާއި މެދު އަމަލު ކުރެވިގެން ނުވާނެކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އަލީ ހުސެއިން ވަނީ އެގްރިމެންޓުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން އެއްބަސްވުމުގެ 18 ވަނަ މާއްދާ އާއި ހަވާލާދީ އަލީ ހުސެއިން ވިދާޅުވީ އެއްވެސް ސަބަބަކާ ހެދި ކުލި ނުދެއްކިއްޖެ ނަމަ ނޯޓިސް ދީފައި ފުލެޓު އަތުލުމުގެ ބާރު އޮތް ކަމަށެވެ.
މީގެ އިތުރުން އެއްބަސްވުމުގެ 25 ވަނަ މާއްދާގައި ކުލި ނުދެއްކިއްޖެނަމަ، އެހެން މީހަކަށް ފުލެޓު ވިއްކުމުގެ ބާރު އެފްޑީސީއަށް ލިބިފައި އޮތް ކަމަށް ހިމަނާފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
"ކުލި އެއްވެސް ހާލަތަކާ ގުޅިގެން ނުދެއްކިއްޖެ ކަމަށްވާނަމަ މިވާގޮތަކީ ފްލެޓް ގެއްލުވާލުމުގެ ނުވަތަ ފްލެތް އަތުލުމުގެ ބާރު އެބަ އޮތް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް. އެފްޑީސީއަށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް އެނގޭތޯ. މީގެ ނުރައްކާތެރިކަން މިހެން ތިބެ ވިސްނާލީމަ ކުއްލިއަކަށް ނޭގޭނެ،" އޭނާ ވިދާޅުވި އެވެ.
"ނުރައްކާތެރިކަން އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނާލަން ޖެހޭނެ. މިސާލަކަށް މީހަކު ކުލީގެ އެއްބަސްވުން ހަދާފައި މިއޮތީ 25 އަހަރަށް. މީހަކު މިސާލަކަށް 24 އަހަރު ވަންދެން ކުލި ދައްކަނީ. 24 އަހަރު ވަންދެން ކުލި ދައްކާފައި ޖެހިގެން އަންނަ ދެ މަހު އޭނާއަށް ކުލި ނުދެއްކުނީ. އެހިސާބުން މިވާ ގޮތަކީ އެއްބަސްވުން މިއޮތް ގޮތުން އޭނާގެ އެއްބަސްވުން ބާތިލުކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ފްލެޓް އެއްބަސްވުމުގެ 25.1 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ފަރާތަށް ލިބިފައިވާ ހައްގުތަކާއި މަސްލަހަތުތައް، ކުއްޔަށް ހިފާ މީހާގެ ރުހުން އިތުރަށް ހޯދުމަކާ ނުލައި، އެހެން ތިންވަނަ މީހަކަށް ވިއްކުމުގެ ނުވަތަ އެސައިން ކުރުމުގެ ނުވަތަ އެނޫން ވެސް ގޮތަކަށް ބަދަލު ކުރުމުގެ ބާރު އެފްޑީސީއަށް ލިބޭތީ އެކަމާ ވެސް އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އަލީ ހުސެއިން ވަނީ ކުރީ ސަރުކާރުން ފްލެޓު ދޫކުރުމަށް ހަދާފައިވާ އެގްރިމެންޓަށް ރުޖޫއުވުމަށް ސަރުކާރަށް ގޮވާލާފައެވެ. އޭގެއިތުރުން، އެ ޔޫނިއަނުން ވަނީ، ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކޮށް ދައްކަން ޖެހޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަންށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.
ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގަން ވަނީ ނިންމައިފައެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް މަހަކު 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1,000 ރުފިޔާއެވެ.
މިއަދުގެ ޕްރެސްގައި ފަހި ޔޫނިއަނުން ވަނީ، އެއްބަސްވުމަށް ބަދަލުތައް ގެނައުމަށް އެދިފައެވެ. އެގޮތުން އެގްރިމެންޓަށް ފަހި ޔުނިއަންއިން ހުށަހަޅާ ބަދަލު ތަކަކީ:
އެއްބަސްވުމުގެ ތޮބީއަތު އިސްލާހު ކުރުމަށް
ކުލީގެ އެއްބަސްވުމުގެ ބަދަލުގައި ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކުރުމަށް
ކުރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންސްޓޯލް ޕޭމަންޓާއި ޑައުންޕޭމަންޓު ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް
ރައްޔިތުން އިތުރަށް މަޑުކުރަން ނުޖެހޭ ގޮތަށް ހުރިހާ ފުލެޓުތައް ހައްގުވެރިންނަށް ލިބޭގޮތަށް ހެދުމަށް