Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ކުރިއަށް އޮތީ އިގްތިސާދީ ގޮތުން އުޖާލާ ދުވަސްތަކެއް

ކުރިއަށް އޮތީ އިގްތިސާދީ ގޮތުން އުޖާލާ ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާއި ގުޅިގެން "ސަންގު ޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ވަރަށް ގިނަ ވަގުތު މި ސަރުކާރުން ހޭދަކުރަން ޖެހިފައިވަނީ އިގްތިދާސީ ގޮތުން ކޮށްފައި ހުރި ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި އޭގެ ސަބަބުން ކަންކަން ކުރުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ.

ސަރުކާރާއި ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތް ހާލަތުގެ ސަބަބުން ކުރަން ޖެހުނު ކަންކަން ނުކޮށް ދޫކޮށްލިނަމަ ގައުމު ބަނގުރޫޓުވާނެ ކަމަށާއި މަސައްކަތްތައް މިދިޔަ ދުވަސްތަކުގައި ކުރީ އެހެން އެކަން ވިޔަނުދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ދަތި ރާސްތާ ކަޑައްތު ކުރީ އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އަޅައިގެން ކަމަށާއި އޭގެ ސަބަބުން މިހާރު އާދެވިފައިވަނީ ވަރަށް މުހިއްމު މަރުހަލާއަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރަމުން މިދަނީ، ރަނގަޅު ރާސްތާއެއްގައި ކުރިއަށްދަނީ. ފެންނަން އޮތީ ވެސް ވަރަށް އުޖާލާ މަންޒަރު، އުޖާލާތެއް ދުވަސްތަކެއް އިގްތިސާދީ ގޮތުން،" ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑުގައި ފެށިގެން ކުރިއަށްދާ ކަމަށާއި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން ރައްޔިތުން އެކަން ފާހަގަކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން ކުރިއަށްދާނީ އަވަށްޓެރި ގައުމުތަކާއި ގާތް ގުޅުމެއް ބާއްވައިގެން ރާއްޖެއަށް ފައިދާވާ މިންވަރުގައި ކަމަށާއި ހުރިހާ ގައުމުތަކާއި ވެސް ރަހުމަތްތެރިކަން ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތުގެ ކާމިޔާބެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.