ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް މުއިއްޒާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންނެވެ.
މިއީ ޑިސަނަޔަކެ މިދިޔަ އަހަރު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އޭނަ އަށް ރާއްޖެ އިން ރަސްމީކޮށް މަރުހަބާ ކިޔަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ލަންކާގެ ރައީސް ރާއްޖެ އަށް ކުރައްވާ ދަތުރުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ރަސްމީ މަޝްވަރާތައް ކުރިއަށް ދާނެ އެވެ.
ޑިސަނަޔަކެ ލަންކާގެ ރައީސްކަމާ ހަވާކުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގަ އެވެ. އޭނަ އަކީ އެ ގައުމުގެ 10 ވަނަ ރައީސެވެ.
ރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމު ކަމަށްވާ ލަންކާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގަ އެވެ. އެހެންވެ އެ ގުޅުމަށް މި އަހަރު ވަނީ 60 އަހަރު ފުރިފަ އެވެ.
ލަންކާގެެ ރައީސް ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި އިރު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައުގަތުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ 25 ގައި ރާއްޖެ ވަޑައިގަތެވެ. އަދި ފުރާވަޑައިގަތީ 26 ގަ އެވެ.