ކުރީގެ މިނިސްޓަރު ހަސަން ސޯބިރު އަވަހާރަވެއްޖެ އެވެ.
ސަރުކާރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ހަސަން ސޯބިރު އަވަހާރަވީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
އޭނަ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަމުގެ އިތުރުން ވެސް ގިނަ މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.
ދައުލަތަށް އަގުހުރި ގިނަ ހިދުމަތްތަކެއްކޮށް ދެއްވާފައިވާތީ ދައުލަތުގެ މަތީ ޝަރަފު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ސޯބިރަށް އެރުވީ އިއްޔެ ބޭއްވިމިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ސޯބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަގާމު ހިމެނެ އެވެ.
ސޯބިރަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު ވޭލްސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވައި، އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރެއްވުމުގެ އިތުރށް އިންޑިޔާއިން ބެޗެލާ އޮފް ކޮމާސް ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޭނަ އަވަހާރަވި އިރު އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވި އެވެ.