ސްރީ ލަންކާގައި ތަރައްގީކޮށްފައިވާ އިންޓަގްރޭޓް ރިސޯޓް 'ސިޓީ އޮފް ޑްރީމްސް' ހުޅުވަން އަންނަ މަހު ބާއްވާ ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވާން ބޮލީވުޑްގެ ތަރި، ޝާހްރުކް ޚާނަށް ލިބުނު ދައުވަތު އަމިއްލަ ސަބަބުތަކާ ހެދި ދޫކޮށްލާފައިވާތީ އެ ފުރުސަތު މިހާރު ރިތިކް ރޯޝަނަށް ދީފި އެވެ.
އެކަން ރަސްމީކޮށް އިއުލާންކޮށް، 'ސިޓީ އޮފް ޑްރީމްސް' ގެ ސޯޝަލް މީޑިއާތަކުގައި ރިތިކްގެ ވީޑިއޯ މެސެޖެއް ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި އޭޭނަ ބުނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުވާ "ސިޓީ އޮފް ޑްރީމްސް' ހަފުލާ އަށް އޭނަ ކޮލޮމްބޯ އަށް ދާނެ ކަމަށާއި މި ދަތުރާ މެދު ވަރަށް އުފަލުން ހުރި ކަމަށެވެ.
ރިތިކް ލަންކާ އަށް ދާން ހަމަޖެހުނު އިރު، އަންނަ މަހުގެ 14 ގައި އޭނަގެ އާ ފިލްމު 'ވޯ 2" ސިނަމާތަކަށް ގެންނާނެ އެވެ. ރިތިކް މިހާރު އަންނަނީ އެ ފިލްމު ޕްރޮމޯޓް ވެސް ކުރަމުންނެވެ.
ކޮލޮމްބޯގައި ތަރައްގީކޮށްފައިވާ "ސިޓީ އޮފް ޑްރީމްސް" އަކީ ޖޯން ކީލްސް ހޯންޑިން (ޖޭކޭއެޗް) އާއި މެލްކޯ ރިސޯޓްސް އެންޑް އެންޓަޓައިންމަންޓް (އެމްއާރްއީ) ގެ ޖޮއިންވެންޗާއެއްގެ ދަށުން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. މިއީ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އަދި މިތަނަކީ ދެކުނު އޭޝިއާގެ ފުރަތަމަ "ފުލީ" އިންޓަގްރޭޓްޑް ރިސޯޓެވެ.
'ސިޓީ އޮފް ޑްރީމްސް' ހުޅުވަން ބާއްވާ ކުލަގަދަ ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ހިސާބުތަކުން މަޝްހޫރު، ނުފޫޒު ގަދަ މީސްމީހުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެ އެވެ.