Last Updated: June 9, 20:11
Tuesday, June 9, 2026
ދުނިޔެ

ބިޔޯންސޭއާ ގުޅުވައި ޓްރަމްޕްގެ ބޮޑު ދޮގެއް!

އެމެރިކާގެ ރިޔާސީ އިންތިހާބަށް މިދިޔަ އަހަރު، ނައިބު ރައީސް ކަމަލާ ހެރިސް ކެމްޕޭން ކުރެއްވި އިރު، އޭނަ އެންޑޯޒްކުރި ފަންނާނުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އަށް 11 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑު ދޮގެއް ހައްދަވައިފި އެވެ.

އޭނަގެ އަމިއްލަ ސޯޝަލް މީޑިއާ، 'ޓުރުތު ސޯޝަލް' ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ކެމްޕޭނަށް ހެރިސް އިޝްތިހާރުވާން ކުރެއްވި ކެމްޕޭންގެ ތެރެއިން ގަވައިދާ ހިލާފަށް ބިޔޯންސޭ އަށް 11 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެެ. އަދި އޭނަގެ އިތުރުން އޯޕްރާ ވިންފްރީ އާއި އަލް ޝާޕްޓަންގެ އިތުރުން ވެސް އިތުރު ބަޔަކު ހެރިސް އެންޑޯޒްކުރުމުން ފައިސާ ދީފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވާފައިވެ އެވެ.

އެހެންވެ ގާނޫނުތައް މުގުރާލައި ހިންގި އެ ޖަރީމާ ކަމާބެހޭ ފަރާތްތަކުން ބަލައި، އެކަމުގައި ޝާމިލުވާ އެންމެންނަށް ދައުވާ ވެސް ކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އޭނަގެ މި ވާހަކަތަކާ ގުޅިގެން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ޓްރަމްޕަށް ފާޑު ކިޔާފައިވެ އެވެ. އަދި ވާހަކަ ދައްކަވާ އިރު "ފެކްޓް ޗެކްކުރަން" ވެސް ގިނަ ބަޔަކު ޓްރަމްޕަށް ހަނދާންކޮށް ދީފައިވެ އެވެ.

ހެރިސްގެ ކެމްޕޭންގެ ތެރެއިން ބިޔޯންސްސޭ އަށް 11 މިލިއަން ޑޮލަރު ދިން ކަމަށް ޓްރަމްޕް ވިދާޅުވި އިރު، ހިއުސްޓަންގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރެގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ޕަފޯމްކުރަން ބިޔޯންސޭ އަށް 165،000 ޑޮލަރު ދީފައިވާ ކަމަށް ކެމްޕޭން ހަރަދުތަކުގެ ރެކޯޑްތަކުން ދައްކަ އެވެ.

ހެރިސްގެ ކެމްޕޭން ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި ހެރިސް އެންޑޯޒްކުރި ފަންނާނުންތަކަށް އަގެއް ދީފައެއް ނުވާނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގެ ރިޔާސީ އިންތިހާބު ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ޓްރަމްޕް ކާމިޔާބުކުރެއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ހެރިސްއާ ވާދަކުރައްވަ އެވެ.