ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
މިއަދު އެ އަތޮޅުގައި ހިދުމަތް ފެށި އިރު، އެކަން އޮތީ ކުރިން ވެސް އިއުލާންކޮށްފަ އެވެ. އެމްޓީސީސީން ބުނީ ބ. އަތޮޅުގައި މިއަދު އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމާ ގުޅިގެން އަހުލުވެރިކުރުމުގެ ދަތުރުތަކަށް ފަހު އޮގަސްޓް 4، އިން ފެށިގެން އާރްޓީއެލް ފެރީގެ ލިބޭނީ ޓިކެޓު ނަގައިގެން ކަމަށެވެ. ޓިކެޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އަންނަ މަހުގެ 1، އިން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕުން ޓިކެޓް ގަނެވޭނެ އެވެ.
އާރުޓީއެލް ފެރީ މަޝްރޫއުގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރު ވެސް ހިދުމަތް ދެމުން އަންނަ އިރު، ބ. އަތޮޅުގައި ހިދުމަތް ފެށުމާއެކު މުޅި ޒޯން 2 އަށް ހިދުމަތް މިހާރު ފުޅާކުރެވުނީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅުގައި، އެއް އަތޮޅުން އަނެއް އަތޮޅަށް ފެރީ ހިދުމަތް ގުޅާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމާއެކު، މިހާރު އާރްޓީއެލް ފެރީގެ ހިދުމަތް 11 އަތޮޅެއްގައި ލިބޭނެ އެވެ.