ޝޫޓިން ކުރިއަށްދާތާ ދުވަސްތަކެއްވެފައިވާ ބޮލީވުޑްގެ ފިލްމު 'ބޯޑާ 2' އަށް އާ ބަތަލާއަކު ނަގައިފި އެވެ.
އެ ފިލްމު އުފައްދާ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޕްރޮޑިއުސަރު ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސް އިން މިއަދު ބުނީ މި ފިލްމުގެ ރޯލަކަށް މޭދާ ރާނާ ނަގާފައިވާ ކަމަށެވެ. އަލަށް ތައާރަފުކުރާ މި ބަތަލާ 'ބޯޑާ 2' ގައި ކުޅޭނީ ވަރޫން ދަވަންގެ ބައިވެރިޔާގެ ރޯލުންނެވެ.
މޭދާ އަކީ މި ފިލްމަށް ނެގިކަން ކަށަވަރުކޮށް ދިން ފުރަތަމަ ބަތަލާ އެވެ.
މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 'ބޯޑާ 2' ގެ މައިގަނޑު ކާސްޓްގައި ހިމެނޭ އެކްޓަރުންގެ ތެރެއިން ދިލްޖީތު ދޮސަންޖްގެ ބައިވެރިޔާގެ ރޯލަަށް ސޯނަމް ބަޖްވާ ނަގާފައިވެ އެވެ. އެކަމަކު ފިލްމުގެ ޓީމުން މިހާތަނަށް އެކަން ކަށަވަރުކޮށް ދީފައެެއް ނުވެ އެވެ.
ދެހާސް ނަވާރައިގެ 'ކޭސަރީ' ގެނެސްދިން އަނޫރާގް ސިންގް ޑައިރެކްޓްކުރާ 'ބޯޑާ 2' ގެ ކާސްޓްގައި ސަނީ ޑިއޯލް އާއި އަހާން ޝެޓީ ވެސް ހިމެނެ އެވެ. ސަނީ އަކީ 1997 ގެ 'ބޯޑާ' އިން ދެވަނަ ބައިގައި ހިމެނޭ ހަމައެކަނި އެކްޓަރެވެ. އަދި އަހާން އަކީ ފުރަތަމަ ބައިގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ބޯޑާ 2' ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 23 ގަ އެވެ.