Last Updated: July 28, 22:20
Monday, July 28, 2025
ޚަބަރު

މަޖިލިސް ރައީސް ސްވިޒަލޭންޑަށް ފުރާވަޑައިގެންފި

ޕާލިމަންޓް ސްޕީކަރުންގެ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ސްވިޒަލޭންޑަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލިސް ސްޕީކަރުން ނުވަތަ މަޖިލިސްތަކުގެ ރައީސުންގެ ހަ ވަނަ ކޮންފަރެންސް އޮންނާނީ މާދަމާއިން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.

ވޯލްޑް ކޮންފަރެންސް ފޯސްޕީކާޒް އޮފް ޕާލިމެންޓަކީ އިންޓަ ޕާލިމެންޓްރީ ޔޫނިއަން، އައިޕީޔޫއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ބައިނަލްއަގުވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކޮށް، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކޮށްދިނުމެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ ދުނިޔޭގެ ވެރިކަމުގެ ބަރުލަމާނީ ޑިމޭންޝަންސްތައް ބައްޓަންކޮށް ހަރުދަނާ ކުރުމަށް ކެޓަލައިޒާތަކެއްގެ ގޮތުގައި ހިދުމަތްކޮށް، ބައިނަލްއަގުވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް އެހީތެރިވެދޭ ކޮންފަރެންސެކެވެ.

މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ހަމަޖެހުމެއްނެތް ދުނިޔެއެއް: އެންމެންނަށް ސުލްހަ އާއި އިންސާފާއި އަދި ފާގަތިކަން ހޯދައިދިނުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަގުވާމީ އެއްބައިވަންތަކަން" މިއެވެ.