Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ޖިނާއީ ކުށްތައް ހުއްޓުވަން ލަންކާއާއެކު އެއްބަސްވުމެއް

ޖިނާއީ މައްސަލަތަކާއި ޖިނާއީ ކުށްތައް ހުއްޓުވަން ސްރީލަންކާއާ އެކު ގުޅިގެން މަސައްކަތް ކުރަން ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން، އެ ޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި މައްސަލަ ތަޙުޤީޤުކުރުމުގަ އާއި ޝަރީޢަތް ހިންގުމުގަ އާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ. އަދި ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެޤައުމެއްގަ ގާއިމުކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން މި އެއްބަސްވުމުގައި ވަނީ ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ލަންކާއާއެކު ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ޤައުމުގެ ދެމެދުގައި ހިއްސާކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.