ބޮލީވުޑަށް ލީޑިން އާ އެކްޓަރުންތަކެއް ނެރެން ގެނެސްދޭ ފިލްމު "އަންދާޒް 2" ގެ ޓްރެއިލާ މިއަދު ދައްކާލައި، ފިލްމު އަންނަ މަހު ސިނަމާތަކަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ އާއި އަކްޝޭ ކުމާރުގެ އިތުރުން ލާރާ ދައްތާއާ އެކު ޑައިރެކްޓަރު ސުނީލް ދަރުޝަން 2003 ގައި ގެނެސްދިން "އަންދާޒް" ގެ ސީކްއެލް އެވެ. ނަމަވެސް ފިލްމުގެ ކުރީގެ ބަޔާއި ދެވަނަ ބަޔާ މާ ބޮޑު ގުޅުމެއް ނެތެވެ.
މި ފަހަރު ވެސް ސުނިލް ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށް ގެނެސްދޭ 'އަންދާޒް 2' ގެ ލީޑް ތަރިންނަކީ ނަތާޝާ ފެނަންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާ އެވެ. މީގެ ތެރެއިން ނަތާޝާ އަކީ ސުނީލް އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ 2017 ގެ "އޭކް ހަސީނާ ތީ، އޭކް ދީވާނާ ތާ" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ.
އާޔޫޝް އަކީ 2022 ގައި ރިލީޒްކުރި އަބީޝެކް ބައްޗަންގެ "ދާސްވީ" ގެ ކުޑަކުޑަ ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ.
'އަންދާޒް 2' ގެ މިއުޒިކް ހަދާފައި ވަނީ އޮރިޖިނަލް ފިލްމުގެ މިއުޒިކްގައި ވެސް ހިއްސާވި ނަދީމެވެ. އަދި ލަވަތަކުގެ ޅެންތައް މި ފަހަރު ވެސް "އަންދާޒް" ގެ ލަވަތައް ވެސް ލިޔުނު ސަމީރު އަންޖާނެވެ.
'އަންދާޒް 2' ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 8 ގަ އެވެ.