ލ. މާވަށުގައި މިއަދު ހެނދުނު ޒުވާނަކު މަރާލި ހާދިސާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދައިފި އެވެ.
މި ހާދިސާގައި މަރުވީ އެ ރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) އެވެ. އޭނާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.
ފުލުހުން މިރޭ ބުނީ ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ހޯދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މާރާމާރީއަކީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ.
މަރުވި މޫސަ މިހާރު ބާއްވާފައި އޮތީ މާވަށު ސިއްހީ މަރުކަޒުގަ އެވެ.
އޭނަ އަށް ވަޅިއަކުން ހަމަލާދިންކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:12 ހާއިރު އެވެ. އަދި މޫސަ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.