ސްރީލަންކާއާ އެކު ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށްފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ލަންކާ އަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ ގާތްތިމާގެ ޤައުމުތަކެއް ކަމަށާއި އަދި އެއީ ދެފަރާތުގެ އިޙްތިރާމާއި ހިއްސާވާ އުންމީދުތަކުގެ މައްޗަށް ބިނާވެފައިވާ ގަރުނުތަކެއް ކުރިން އޮތް އެކުވެރިކަމެއް ހިއްސާކުރާ ދެ ގައުމު ކަމަށެވެ. ލަންކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ވަނީ ރާއްޖެ ވެސް އޮންނާނީ ލަންކާއާ އެކުގައި ކަމާއި ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ފަހަކަށް އައިސް ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ލަންކާއިން ކުރާ މަސައްކަތަށް ތައުރީފު ކުރައްވައި، ރައީސް މުއިއްޒު ވަނީ ލަންކާގެ ރައީސްގެ ލީޑަޝިޕްގައި އެގައުމު ކުރިއަށްދާނީ މިއަށްވުރެ ވަރުގަދަ އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިގްތިސާދަކަށް ކަމަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ވިޔަފާރި، ދިފާއީ، ތައުލީމާއި، ވޮކޭޝަނަލް ޓްރޭނިން، ޒުވާނުންނާއި ކުޅިވަރު، ތިމާވެށްޓާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ފުޅާ ދާއިރާއެއްގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހުގަ އެވެ. މި އަހަރަކީ ދެޤައުމުގެ މި ތާރީޚީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.