ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ކުރީ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ލޯގޯގައި ހުރި ރީނދޫ ކުލަ ބަދަލުކުރުމުން ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ފާޑު ވިދާޅުވެއްޖެ އެވެ.
އާރްޓީއެލްގެ ލޯގޯގައި ހުރި ރީނދޫ ކުލަ އުނިކޮށް، ބަދަލުގައި އަޅި ކުލަ މިހާރު ވަނީ ބޭނުންކުރަން ފަށާފަ އެވެ. އާރްޓީއެލްގެ ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީގެ ފަރާތުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަސްލަމް ވިދާޅުވީ އާރުޓީއެލް ފެރީގެ ހިދުމަތް ގައުމީ މަޝްރޫއެއްގެ ގޮތުގައި ފައްޓަވައިދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި ލޯގޯގެ ކުލަތައް ބަދަލުކުރިޔަސް އެ ހަގީގަތެއް ބަދަލު ނުވާނެ ކަމަށެވެ. އަދި އާރްޓީއެލް ލޯގޯގެ އަސްލު ކުލަތަކަކީ އެ ބްރޭންޑްގެ ބައެއް ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
The RTL public ferry service was launched by President Ibrahim Mohamed Solih as a national project. Changing the logo’s colours doesn’t rewrite that. The original colours are part of the brand—just like the seas it sails. pic.twitter.com/LLLF97kXGV
— Aslam 🎈 (@AslamAslamtey) July 28, 2025
މުޅި ރާއްޖެ ގުޅާލެވޭ އާރްޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތަކީ ކުރީގެ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އާރްޓީއެލް ފެރީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ ޖެނުއަރީ 17، 2021 ގަ އެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ 11 އަތޮޅެއްގައި މިހާރު އަންނަނީ ދެމުންނެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމު ކުރުމެވެ.