Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ފަލަސްޠީނުގެ ޙައްޤުތައް ހޯދުމާ ބެހޭ ބައްދަލުވުމުގައި ރާއްޖެ

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އެވެ.

ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި މި ކޮންފަރަންސް ގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން ޑރ. ނަސީރު ތަޤުރީރުކުރައްވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙައާއި ހަމަޖެހުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމަށެވެ.

މި ކޮންފަރަންސް ބޭއްވިގެން ދަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ.

ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާ އިން ރިޔާސަތު ބަލަހައްޓަން ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިނިސްޓްރީއަލް ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.