މަޖިލީހުގެ މަސައްކަތްތަކުގައި ހުރިހާ މެމްބަރުންގެ ބައިވެރިވުން އޮންނަ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާ އިން މިހެން ބުނެފައިވަނީ މެމްބަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ މަޖިލީހުގެ މެމްބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި ގަރާރުތަކާއި، މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި، ޝާމިލުވެލައްވާ ކޮމިޓީތަކުގެ މައުލޫމާތުތަކުގެ ތަފާސް ހިސާބު މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. ނަމަވެސް އެއީ އެ މެމްބަރުން ކުރައްވާ ހަމައެކަނި މަސައްކަތް ނޫން ކަމަށާއި މަޖިލީހުގެ މުހިއްމު މަސައްކަތްތަކެއް ކޮމިޓީތަކުގައި ވެސް ކުރިއަށްދާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
"މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ކުރައްވާ މަސައްކަތްތައް ނިމިގެންދާނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ބައިވެރިވުމާއެކު އެވެ. މަޖިލީހުގެ މެމްބަރުން މަޖިލީހުގައި ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެމްބަރުން މަޖިލީހަށް ސްޕޮންސާ ކުރައްވާ ބިލުގެ އަދަދުން ނޫންކަމާއި، އެކި މަރުހަލާތަކުގައި މަޖިލީހުގެ މެމްބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވަނީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އާންމުކުރަމުން ގެންދާ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުންއަރާގޮތަށް އެ މައުލޫމާތުތައް ބޭނުން ނުކުރުމަށާއި މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކީ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
އަދި މައުލޫމާތު އާންމުކުރުމުގެ ކުރިން އެ މައުލޫމާތަކީ ތެދު މައުލޫމާތެއްކަން ކަށަވަރުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.