ރާއްޖެ އާއި ސްރީލަންކާގެ ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމަށް ވުރެ މާބޮޑު ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް މިހާރު ކުރައްވަމުން ގެންދަވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި ރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމަށްވުރެ މާ ބޮޑު ގުޅުމެއް ކަމަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ހަރުދަނާކުރުމާއި، އެއްބައިވަންތަކަމާއި، އެއްވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ މުސްތަޤްބަލެއް ބިނާކުރުން ހިމެނޭހެން، ޙިއްޞާ ކުރެވޭ އުންމީދުތައް ހާސިލްކުރުމުގައި، މި ސަރުކާރުން ލަންކާއާ ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް މުއިއްޒު ވަނީ ރާއްޖެއާއި ސްރީލަންކާގެ ގުޅުމަކީ ހިއްސާކުރެވޭ ތާރީޚާއި، އާންމު އާދަކާދައާއި ދޭދޭ ރައްޔިތުންގެ މެދުގައިވެސް ބަދަހި ގުޅުމެއް އޮތް ދެ ގައުމު ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދިވެހީންނާ މެދު ސްރީލަންކާގެ ރައްޔިތުން ބަހައްޓާ ގާތްކަމާއި، އަދާކުރާ ހޫނު މެހެމާންދާރީއާއި، އެ ރައްޔިތުންގެ ދީލަތިކަމަކީ ދިވެހީންގެ ހިތްތަކުގައި އެތައް ޒަމާނަކަށް ދެމި ހުންނާނެ އަސަރުތަކެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމާއި ޑިޖިޓަލް ޓެކްނޮލޮޖީއާއި ސަގާފަތާއި ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް، ދޭދޭ އިގްތިސާދީ އަދި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާތީ އެކަމުގައި ރައީސް ވާހަކަ ދެއްކެވި އެވެ.
އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތައް ހިމެނޭހެން ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ދައްކުވައިދީ، ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމުގައި އެއް އަމާޒެއްގައި މަސައްކަތްކުރުމުގެ މުހިއްމުކަންވެސް ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް އިޝާރާތްކުރައްވައި، އެއީ މާނަހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ލަންކާއާ އެކު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެ، ސްރީލަންކާއާ ގުޅިގެން އިތުރު ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަށާއި، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.