Last Updated: July 12, 22:47
Sunday, July 12, 2026
ދުނިޔެ

ގާޒާގައި ކާން ނުލިބިގެން 88 ކުޑަކުދިން މަރުވެއްޖެ

ކާން ނުލިބި ފަލަސްތީނުގެ ގާޒާއިން މަރުވި ކުޑަކުދިންގެ އަދަދު 88 އަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ކާން ނުލިބިގެން ގާޒާއިން އިއްޔެ އެކަނި ވެސް 14 މީހަކު މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އިޒްރޭލުން ގާޒާގައި ގަތުލްއާންމު ހިންގަން ފެށި ފަހުން މިހާތަނަށް 147 މީހަކު ބަނޑަށް މަރުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. އޭގެތެރޭގައި 88 ކުޑަކުދިން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ގާޒާއަށް ކާނާ އާއި އެހެނިހެން ތަކެތި ވެއްދުމަށް އިޒްރޭލުން ހުރަސް އެޅުމުން މިދިޔަ މާޗު މަހު ގާޒާއިން ކާނާގެ ތަކެތި ވަނީ ހުސްވެފަ އެވެ. މިދިޔަ މޭ މަހުން ފެށިގެން ގާޒާއަށް ކާނާ އާއި އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލުން ކޮންމެވެސް ވަރެއްގެ ހުއްދައެއް ދީފައިވާއިރު، އެ ތަކެތި ބެހުން ކުރިއަށް ގެންދަނީ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން ނަމަކަށް ކިޔާ ޖަމާއަތެއް މެދުވެރިކޮށެވެ.

އެހީގެ ތަކެތި ބެހުމުގެ ކަންކަން ކުރިއަށްގެންދާ ސައިޓުތަކުގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ މަރުވެފަ އެވެ.

ގާޒާގައި ކާން ނުލިބި އެތައް ބަޔަކު މަރުވަމުންދާއިރު، އިޒްރޭލުން އަންނަނީ ހުއްޓުމެއް ނެތި ގާޒާއަށް ހަމަލާތައް ދެމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް މިފަދަ ހަމަލާތަކުގައި 88 މީހަކު ވަނީ މަރުވެފަ އެވެ.