Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

"ވިމެންސް ވަންޑޭ ކަޕް" ފޭދޫގައި!

ހިތަދޫ އެމްސީ ޔުނައިޓެޑުން ބޭއްވި އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން. އައްޑޫގައި އަންހެން ފުޓްސަލްގެ ފޯރި އަންނަނީ ގަދަ ވަމުން

އަންނަ އަހަރު އައްޑޫ އަންހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ " ވިމެންސް ވަންޑޭ ކަޕް" ފޭދޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މުބާރާތް އިންތިޒާމް ކުރާ އައްޑޫ ޔޫތުން ބުނެފިއެވެ.

ޔޫތު ކުލަބުގެ އިސް އޮފިޝަލަކު ވިދާޅުވީ ފޭދޫގައި މުބާރާތް ބޭއްވުމަށް ނިންމީ އެދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން މުބާރާތް އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުބަހު ހެނދުނު ފެށުމަށް ނިންމާފައިވާ އިރު އެދުވަހު މެންދުރު ފަހު ސެމީގެ މެޗްތައް ކުޅުމަށް ފަހު ފައިނަލް މެޗް ރޭގަޑު ކުޅޭ ގޮތަށް މިހާރު ތާވަލް ކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މުބާރާތް ޕްރޮމޯޓް ކުރުމުގެ ގޮތުން ވަރަށް އަވަހަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަަޖެހިފައިވާ ކަމަށެވެ.

ޗެމްޕިއަން ޓީމަށް މިލްކުވާ ތައްޓާއި މެޑެލް ހުށަހަޅާފައިވާ މި މުބާރާތަށް ބޮޑު ތަރްހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫގައި އަންހެން ފުޓްސަލް މިހާރު އަންނަނީ ފޯރިގަދަވަމުންނެވެ. އެގޮތުން ހުޅުމީދޫގައި އަންހެން ފުޓްސަލް މުބާރާތެއް ބާއްވާފައިވާ އިރު ޖުމްހުރީ ދުވަހާއި ގުޅުވައިގެން އަންހެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.