އަންނަ މަހުގެ ކުރީކޮޅު ޕްރީމިއާ ކުރަން ހަމަޖެހިފައިވާ އައި ފިލްމްސްގެ 'ލޯބިން' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ. އެހެންވެ 'ލޯބިން' ގެ ޓިކެޓް އޮލިމްޕަސް ކައުންްޓަރުން މިހާރު ވިއްކަމުން އަންނަ އިރު، ޓިކެޓް ބުކް ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ހޮޓްލައިނެއް ވެސް ތައާރަފުކޮށްފައިވެ އެވެ. އެއީ 7242555 އެވެ.
'ލޯބިން' އަކީ މި އަހަރު އޮލިމްޕަހަށް ގެންނަ 3 ވަނަ ފިލްމެވެ. މިހާރު އެތަނުގައި ދައްކަމުން އަންނަނީ ޖޫން މަހުގެ 17 އިން ފެށިގެން ޝޯތައް ކުރިއަށްދާ ފާތުމަތު ނަހުލާގެ 'ސޮރީ' އެވެ. މި ފިލްމުގެ ވަދާއި ޝޯ އޮންނާނީ 31 ވަނަ ދުވަހުގެ ރެ އެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ އެޕްރީލް މަހުގެ ފަހުކޮޅު ޑައިރެކްޓަރު މޫމިން ފުއާދު ގެނެސްދިން 'އަބަދަށް' އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ލޯބިން' އަކީ ހަށިވިއްކުމުގެ ތެރޭގައި އުޅެން ޖެހިފައިވާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގެ މައިގަނޑު ތަރިންނަކީ ތާތި އާދަމާއި އޭނަގެ ފިރިމީހާ އިފްނާޒް ފިރާގުގެ އިތުރުން އަހުމަދު ޝާރިފެވެ.
އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ 'ލޯބިން' ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) ގެ އިތުރުން އައިޝަތު ގުލްފާމް ވެސް ހިމެނެ އެވެ.